ހއ. ހޯރަފުށީގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް "ސިރީނަވަރަންނަ އައްޑަނަ" އެ ރަށު ކައުންސިލުން އަރުވައިފިއެވެ.

ސިރީނަވަރަންނަ އައްޑަނަ ރައީސް ސޯލިހްއަށް އަރުވާފައިވަނީ "ހޯރަފުށި ދުވަސް" ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައެވެ.

"ސިރީނަވަރަންނަ އައްޑަނަ" މާނަކުރެވެނީ ހިދުމަތުގައި ދިހުން ގަދަ އަދި ވިދުން ގަދަ ނުވަ ޖަވާހިރަށް ކަމަށް އެ ޖަލްސާގައި ބުނެފައިވެއެވެ. އަދި މިދިޔަ ދައުރުގެ ތެރޭގައި ހޯރަފުއްޓަށް "މިލިއަން މިލިއަން" ރުފިޔާގެ 16 މަޝްރޫއެއް ލިބުނުކަން ވެސް އެ ޖަލްސާގައި ވަނީ ފާހަގަކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހޯރަފުއްޓަށް ލިބުނު ތަރައްގީއަކީ ހަމައެކަނި އެމަނިކުފާނު ކުރެއްވި މަސައްކަތް ނޫން ކަމަށާއި އެ މަސައްކަތްތަކުގެ ފަހަތުގައިވަނީ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންވާ ކަމަށެވެ.

އެ ޝަރަފު ހައްގުވަނީ އެ ހުރިހާ ބޭފުޅުންނަށް ކަމަށާއި އޭގެތެރެއިން ވެސް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރިގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި މަސައްކަތް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. ސަލީމް އެގޮތަށް އެ މަސައްކަތް ނުކުރެއްވިނަމަ، ރައްޔިތުން ބޭނުންވާ ގޮތަށް އެހާ ހަލުވި ސްޕީޑުގައި ތަރައްގީ ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ 21 ވަނަ ގަރުނަށް އައިއިރު، ސާފު ބޯފެން ނުލިބޭ ރަށްރަށް ރާއްޖޭގައި އޮތް ކަމަށާއި އެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ގާއިމް ކޮށްދޭނެ ކަަމަށް ވިދާޅުވުމުން ބައެއް ފަރާތްތަކުން އެ ކަމަށް ޖޯކު ޖެހި ކަމަށެވެ.

އެގޮތުން އެމެރިކާގެ ގާތްގަނޑަކަށް 10 ޕަސެންޓު މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ދޭންވީ ކީއްކުރަން ކަމާމެދު މަޖިލީހުގެ ތެރޭގައި ވާހަކަ ދެކެވުނު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ބޭރު ގައުމަކުން ނަމޫނާއެއް ނުވަތަ މިސާލެއް ނަގާނަމަ ބަލަންވީ އެ ގައުމެއްގައި ރަނގަޅަށް ކުރާ ކަންތައްތަކަށް ކަމަށެވެ. އަދި އެހެން ގައުމެއްގައި ކަމެއް ނުކުރުމަކީ ރާއްޖޭގައި އެކަން ނުކުރަންވީ ސަބަބެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދައުރަށް ރައީސް ސޯލިހް އިންތިހާބުވެވަޑައިގެންނެވިނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.