ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށްވެސް ސާބިތުވެ، ބައްސާމަށް ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މިއީ ދައުލަތުން ބައްސާމާ ދެކޮޅަށް އުފުލި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ މައްސަލައެވެ. ބައްސާމާ ދެކޮޅަށް މި ދައުވާކުރީ ޑޮލަރު މާރުކުރުމުގެ ނަމުގައި ބައްސާމްގެ އަމިއްލަ އެކައުންޓުން އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނުދައްކާތީއެވެ.
އެއީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި އެއީ، ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭމަށް ލިބުން ކަމަށް ލިޔެކިޔުން ތައްޔާރުކުރި ނަމަވެސް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.
ހިޔާނާތުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ބައްސާމްގެ މައްޗަށް އެންމެ މަތީ އަދަބު ކަނޑައެޅުއްވީ، އޭނާ މި އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީއާއި، ފުޓްބޯޅަ ކުރިއެރުވުމަށް ލިބޭ ފައިސާ އަމިއްލަ ބޭނުމަށް ހޭދަކޮށްފައިވާތީ ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ. އަދި މިހާތަނަށްވެސް މި ފައިސާ އަނބުރާ ދައްކާފައިނުވާކަމަށް ގާޒީ ފާހަގަ ކުރައްވާފައި ވެއެވެ.
ހިޔާނާތުގެ ކުށުގެ ދައުވާ ސާބިތުވެ ބައްސާމްގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މި މަހުގެ 8ވަނަ ދުވަހުއެވެ.
މި މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާއިރު މިއަދު ވަނީ އެ ދައުވާ ސާބިތުވެ އިތުރު 5 އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވާފައެވެ. އެއާއެކު ބައްސާމް ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހޭނެއެވެ.
އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާއިން ބައްސާމްގެ އަމިއްލަ ހަރުދަތައް ކުރުމަށާއި އެހެން މީހުންނަށް ހަރަދު ކުރަން ބޭނުންކޮށްފައިވާ ކަން ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.
