އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމިން ކޮންސްޓްރަކްޝަނުން ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސްއާ ގުޅޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން މި އަމުރު ނެރުނީ، ބައްސާމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލާގައި ހިމެނޭ އަމިން ކޮންސްޓްރަކްޝަންގެ ބައި ދަށު ކޯޓުން ނިންމި ގޮތް ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ފްލެޓްތަކުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ފަދަ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެއާއެކު މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެފައިވަނީ، މިހާލަތުގައި އެ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ، މައްސަލަ ނިމޭއިރު ދައުލަތަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން، މައްސަލަ ނިމެންދެން އެ ތަންތަން ވިއްކުން ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އަމުރު ނެރުނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފާތިމަތު ފަރުހީޒާ އަދި އަބްދުއްރައޫފު އިބްރާހީމް ހިމެނޭ ބެންޗަކުން، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގައި މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ފައިސާ މާރުކުރިކަން ހެކިތަކުން ސާބިތުވި ނަމަވެސް، އަމިން ކޮންސްޓްރަކްޝަނުން ޕެންޓްހައުސް ގަނެފައިވަނީ ސީދާ އެ ފައިސާއިންކަން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް، މި މައްސަލައިގެ ތެރޭގައި ހިމެނޭ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާތައް ދަށު ކޯޓުގައި ސާބިތުވެފައިވާކަން ފާހަގަކުރެވެއެވެ. ހައިކޯޓުގެ މި ނިންމުމާއެކު، ހުޅުމާލޭގައި ހުރި މި ދެ ޕެންޓްހައުސްއާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް މިހާރު ވަނީ ގާނޫނީ ބާރުގެ ދަށުން ހުއްޓުވާފައެވެ.
ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާއިން ބައްސާމް ދެ ޕެންޓްހައުސް ގަނެފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ތެރޭގައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ތުހުމަތުކޮށްފައެވެ.
