ރާއްޖެ އާއި ޔޫކޭއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް، މި އަހަރު އަމަލުކުރަން ފަށާނެ ކަމަށް އެ ގައުމުން އަންގާފައި އޮތް އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީގައި ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިން ޔޫކޭއަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަޝްވަރާތަަކަކަށް ފަހު، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން މި އަހަރު ފަށަން ނިންމާފައިވާ އިރު، ޔޫކޭ-ރާއްޖެ ޑައިލޮގުގައި މި ސަރުކާރުން އެ ވާހަކަ ނުހިމެނި ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމްވަނީ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ ޔޫކޭ އިން ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށް، މިއަހަރު އަމަލުކުރަން ފަށާނެކަމުގެ ޔަގީންކަން ދިންކަން އެނގޭ އެއްވެސް ލިޔެކިއުމެއް އިކޮނޮމިކް މިނިސްޓްރީގައި ނެތް ކަމަށެވެ. ރާއްޖޭން އެކްސްޕޯޓްކުރާ މަހަށް ޔޫކޭ އިން މިހާރު ނަގާ 20 ޕަސެންޓް ޑިއުޓީ އަކީ އޭރުގެ ސަރުކާރުން މަޝްވަރާކޮށް ލުއި ހޯދާފައިވާކަމެއް ކަމުގައި މީކާއިލް ވިދާޅުވެފައިވާއިރު، މިނިސްޓަރު ވަނީ މި ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމުގައ ވިދާޅުވެފައެވެ.
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން ރާއްޖޭން އެންމެ ފުރަތަމަ ހުށަހަޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން އެންމެ ފުރަތަމަ ހުށަހެޅީ 2016 ވަނަ އަހަރު ކަމަށެވެ.
