ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ޗެކްކޮށް، މިންގަނޑަށް ނުފެތޭ ތަންތަން ބަންދު ކުރަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން އެޗްޑީސީ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ސާފުތާހިރުކަން ދެނެގަތުމަށް ހާއްސަ އިންސްޕެކްޝަނެއް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން މާލެ އާއި ވިލިމާލޭގެ ކެފޭ ތެކާއި ރެސްޓޯރެންޓުތައް ވެސް ދަނީ ބަލާ ފާސް ކުރަމުންނެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އިންސްޕެކްޝަންގައި އިއްޔެއާ ހަމައަށް ވަނީ ސާފުތާހިރުކަން ކުޑަ 25 ތަނެއް ބަންދުކޮށްފައެވެ. އެ އިންސްޕެކްޝަނުގައި އެ ތަންތަން ބަންދުކޮށް ބޭރުގައި ނޯޓިސް ވެސް ވަނީ ހަރުކޮށްފައެވެ.
މި ތަންތަނުގެ ތެރޭގައި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނުގެ އިތުރުން ހެދިކާ ފަދަ އެކި ކާއެއްޗެހި ވިއްކާ ފިހާރަތައް ވެސް ހިމެނެއެވެ.
އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއްވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި، ނުކުރާ ފަރާތްތައް މި އިންސްޕެކްޝަންގެ ދަށުން ބަންދުކުރާނެ ކަމަށް މީގެ ކުރިން އިންޒާރުވެސް ދީފައެވެ.
ނަގަން ޖެހޭ ހުއްދަ ނުނަގާ އަދި ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ނުބައްދަލު ތަންތަން ބަލާފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީގެ ކުރިން އިމިގްރޭޝަނުން ކޮށްފައިވެއެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓުތައް ބަލާފާސްކޮށް މިކަމުގައި ޝާމިލުވާ ބައެއް ބިދޭސީން ޑީޕޯޓުވެސް ކޮށްފައިވާއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އެޗްޕީއޭ އާއި އެކި އިދާރާތަކުން ވެސް ކޮށްފައި ވެއެވެ.
