މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ރެގިއުލޭޓުކުރާ ބިލެއް ނޫންކަމަށާއި، މި ބިލު ފާސްވިއަސް ފޭސްބުކާއި ޓިކްޓޮކް އަދި ޓުވިޓާ އެކައުންޓުތައް ބަންދު ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޒުވާނުންނާއި ރައްޔިތުންނަށް އަމާޒުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު އަބްދުލް ހަންނާން ހުށަހަޅުއްވާފައިވާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓް ކުރުން ނެތް ކަމަށާއި، އެހެންކަމުން ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރަންވީ ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ ރައީސް މުއިއްޒުއަކީ ޒުވާނުންނާއި، ރައްޔިތުންގެ މުޅި މުސްތަގުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާވެރިއެއް ކަމަށާއި، މިފަދަ ދެވަނަ ވެރިއެއް ދެން ނުލިބޭނެ ކަމަށެވެ. ފަލާހު ވިދާޅުވީ މިއާ ހިލާފަށް އެމްޑީޕީއަކީ ލެޕްޓޮޕަކާ ފަޅުރަށަކުން މުޅި ގައުމު ހިންގޭނެކަމަށްބުނެ ރައީސް މައުމޫނުގެ ވެރިކަން މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށެވެ.
މިފަދަ ހަނދާންތަކަކީ އަބަދުވެސް ރައްޔިތުން ވިސްނަންޖެހޭ އަދި ހަނދާނުގައި ބަހައްޓަން ޖެހޭ ކަންކަން ކަމަށް ވިދާޅުވެ ފަލާހު ވަނީ މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި ވަނީ 2008 ގައި ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމުގައި ވިދާޅުވެފައެވެ.
ފަލާހު ވިދާޅުވީ މިދިޔަވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފެށުމާއެކު ރައްހިތުންނަށް މުޒާހަރާއަށް ގޮވަން ފަށާފައިވާކަމަށާއި، ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ނުޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މީޑިއާ ރެގިއުލޭޓް ބިލަކީ މިއަދު އަލަށް ހުށަހެޅުނު ބިލެއް ނޫންކަމަށާއި މީގެ މާ ކުރިން މާ ހަރުކަށިކޮށް މީޑިއާ ރެގިއުލޭޓް ކުރަން ބިލު ހުށަހެޅި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު އޭޖީ ހުށަހަޅުއްވާފައިވާ 14 އިސްލާހާއެކު އެތައް ގުނައެއް ރަނގަޅު ވާނެ ކަމަށާއި ނޫސްވެރިންގެ އެންމެ ބޮޑު ކަންބުޑުވުމަކަށްވާ ކަންކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުފައެވެ.
