ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ނުދީ އިޒްރޭލުން ބަންދުކޮށްފައި އޮތް އޮތުމާ ދެކޮޅަށް ތެދުވެ އެހީ ހިފައިގެން ދަތުރުކުރާ ސުމުދު ފްލޮޓިޓާ ނުވަތަ ގާފިލާއަށް ދެވަނަ ހަމަލާއެއް ދީފިއެވެ.
ބާސެލޯނާއިން ފުރައިގެން ގާޒާއަށް ދިޔުމުގެ މަގުމަތީގައި ޓިއުނީޝިއާގައި ބަނދަރުކޮށްފައި ތިއްބާ، ރޭ ދިން ދެވަނަ ހަމަލާ އަކީވެސް ޑްރޯން މެދުވެރިކޮށް ދިން ހަމަލާއެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އާންމުވެފައި ވާ ފޮޓޯއިން، ހަމަލާގައި ބޯޓަށް ވައްޓާލި ގޮވާ ހަތިޔާރު ފެންނަން އޮތް އިރު، އެ ހަތިޔާރު ބޯޓަށް ވެއްޓޭތަން އާންމުވި ވީޑިއޯއަކުން ވަނީ ފެނިފައެވެ.
އިޒްރޭލުން ހިފާފައި ވާ ޕަލަސްތީނުގެ ބިންތަކުގެ މައްސަލަ ދިރާސާކޮށް ބެލުމަށް އދ އިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ފްރާންސެސްކާ އަލްބެނީސް ވިދާޅުވީ، ވީޑިއޯ ބެލުމުން ހަމަލާ އަމާޒުވާ ގޮތް ފެންނަ ކަމަށާއި، ބެލުންތެރިން ގޮތް ނިންމުމަށެވެ.
އެ ހަމަލާގައި ޑްރޯނެއް ނުފެނުނު ނަމަވެސް ބޯޓުގެ ޑެކް މައްޗަށް މަތިން އެއްޗެއް ވެއްޓޭތަން ފެނެއެވެ. އޭރު އެ ވެއްޓެމުން ދިޔައީ ރޯވެ އަނދަމުންނެވެ. އެއާއެކު ޑެކް މަތީގައި އަލިފާން ރޯވެއެވެ.
ޖުމްލަ 44 ގައުމަކުން ކަމުވޮށިގެންފާ ސިޔާސީ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތައް ހިމެނޭހެން 50 ބޯޓެއްގައި ގާޒާއަށް ދިޔުމުގެ ދަތުރު ފަށާފައި ވާއިރު، މި ހަމަލާއަކީ، އެ ގާފިލާގައި ހިމެނޭ ދެވަނަ ބޯޓަކަށް ދިން ހަމަލާއެކެވެ. މީގެ ދެދުވަސް ކުރިން ވަނީ، އެ ގާފިލާގެ އެންމެ ބޮޑު ބޯޓަށް ވެސް ޑްރޯން ހަމަލާއެއް ދީފައެވެ.
ގާޒާގެ ގާފިލާ ހުއްޓުވައި، އެންމެން ހައްޔަރުކޮށް، ކުށްވެރިންނާ މެދު އަމަލު ކުރާ ގޮތަށް އަމަލު ކުރާނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފައި ވާ އިރު، އިޒްރޭލަކީ ގާޒާގެ އެހީގެ ގާފިލާތަކަށް ހަމަލާ ދިނުމުގެ ތާރީހެއް އޮތް ދައުލަތެކެވެ. އެގޮތުން 2010، 2015 އަދި 2025 ގައި މިފަދަ ހަމަލާތައް ދީފައި ވެއެވެ. އަދި 2010 ގައި ދިން މިފަދަ ހަމަލާއެއްގައި އެހީގެ ގާފިލާއަކުން 10 މީހަކު މަރުވެފައި ވެސް ވެއެވެ.
މިފަހަރުގެ ގާފިލާގައިވެސް މީގެ ކުރިން ގާޒާއަށް ދާން ދަތުރުކުރި ތިމާވެށި އެކްޓިވިސްޓް ގްރެޓާ ތުމްބާގް ހިމެނެއެވެ. އޭނާ އިނީ ގާފިލާގެ އެންމެ ބޮޑު ބޯޓުގައެވެ. މީގެ ކުރިން މިއަހަރުގެ މޭމަހު އޭނާ ހިމެނޭ ގާފިލާއެއް ގާޒާއަށް ދާން އުޅެނިކޮށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި އޭނާ ހިމެނޭހެން އޭގައި ތިބި މީހުން ހައްޔަރުކޮށްގެން އިޒްރޭލަށް ގެންދިޔައެވެ. އެފަހަރު ގްރެޓާ ދޫކޮށްލި ނަމަވެސް އެހެން ބައެއް އެކްޓިވިސްޓުން މިނިވަން ކުރިކަމުގެ މައުލޫމާތެއް މިހާތަނަކަށް ނުލިބެއެވެ.
މި ފަހަރުގެ ގާފިލާއާ ގުޅިގެން ހައްދުފަހަނައެޅި އިޒްރޭލުގެ ކަނާއަތުފިޔައިގެ ވަޒީރު އިތަމާރު ބެން ގަވީރު ބުނީ، އެންމެން ހިފާ ހައްޔަރުކޮށް އަމަލު ކުރާނީ ކުށްވެރިންގެ ގޮތުގައި ކަމަށާއި މުވާސަލާތީ ހިދުމަތާއި އަސާސީ ހިދުމަތްތަކުން މަހުރޫމް ކުރުވާނެ ކަމަށެވެ.
ޕަލަސްތީން އަޅުވެތިކޮށްގެން އިޒްރޭލުން އުދުވާން ހިންގާތާ 78 އަހަރު ވެފައިވާއިރު ފާއިތުވި 22 މަސްދުވަހަކީ މިފަހުދެ ތާރީހުގައި ޕަލަސްތީނުގެ ރައްޔިތުން ތަހަންމަލް ކުރަން ނުޖެހޭހާ ދަތިއުނދަގޫ ހާލަތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހީގެ ގާފިލާގައި ހިމެނޭ ފަރާތްތަކުން ބުނަނީ މި ހާލަތުގައިވެސް ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކުމެ ހޭލަނީ، އާދުވަހެއް އާ އުއްމީދުތަކެއް އަދި އާ ހުވަފެންތަކަކާއެކުގައި ކަމަށެވެ. އެހެން ކަމުން އެ ގާފިލާގެ ދަތުރު ނުހުއްޓާނެ ކަމަށާއި ކުރިއަށް ދާނެ ކަމަށެވެ.