ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މުނާ އެ މަގާމަށް އައްޔަން ކުރީ ނޮވެމްބަރު 30، 2020 ގައެވެ.

އެއާއެކު މިއަދު ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުންނެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 22 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އެޗްއާރުސީއެމުން ދެ ބޭފުޅެއްގެ ދައުރު ހަމަވުމުން އިއްޔެ ވަނީ އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކޮށްފައެވެ. އެގޮތުން އެ ދެ ބޭފުޅުންނަކީ މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދު އަދި ސ. ހުޅުދޫ، ސީބްރީޒް އަހްމަދު މަގުސޫމްއެވެ. މި ދެ ބޭފުޅުންގެ އިތުރުން ދެން ހިއުމަން ރައިޓްސް ކޮމިޝަންގައި ތިއްބަވަނީ އިސްމާއީލް ހަބީބު، ސަމާއު އަހުމަދު ނަޖީބު އަދި މުނާއެވެ.