ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، މަގާމަށް މީހުން ހޯދުމާއި އެސްއޯއީތަކުގެ ކުންފުނީގެ ސެކެޓްރީންގެ މަގާމާ ގުޅޭގޮތުން އާ އުސޫލެއް އެކުލަވާލައިފިއެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މި އުސޫލު ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށެވެ.

މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެއްކަމަށް ވެއެވެ.

އާ އުސޫލުގައިވާ ގޮތުން ކުންފުނީގެ ސެކެޓްރީންގެ މަގާމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކާއި، މަގާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކެޓްރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލު އެކުލަވާލާފައި ވަނީ، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ޕީސީބީން އިތުރަށް ބުނިގޮތުގައި މި އުސޫލުން ކުންފުނީގެ ސެކެޓްރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

ދާދިފަހުން ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ސިންގަޕޫރު ކޯޕަރޭޝަން އެންޓަޕްރައިޒް (އެސްސީއީ)އާއެކު ދިވެހި ދައުލަތް ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށް ޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި، ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމުކުރުން ހިމެނެއެވެ.