ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީޑިއާތަކަށް މާލީ އެހީދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ނިޔަލަށެވެ.
އެހީ ހޯދަން ހުށަހަޅަންޖެހެނީ މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެކަމާ ގުޅޭ އުސޫލު އާންމުކުރުމަށްފަހު އެވެ.
މިހާރު ގެޒެޓުކޮށްފައިވާ އުސޫލުގައިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާން ކޮށްފައިވެ އެވެ.
މި އުސޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ.
ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވަމުން އަންނައިރު، މި ބިލުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.