ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލެއްވި މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމް ދީނުގެ މައިގަނޑު އައްސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރި ނުވުން ހިމެނޭއިރު މަޖިލީހުގެ ތަޅުމުގައި ފަލާހު ދެއްކެވި ވާހަކަތަކަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާހަކަތަކަކަށްވާނެ ކަމަށެވެ.

އަދި ނޫސްވެރިންނާއި މީޑިއާތަކުގެ މަސައްކަތް ކުރާ މީހުންގެ މައްޗަށް އަނިޔާވެރިވުމާއި އެ މީހުންނަށް ޖިސްމާނީ ގެއްލުން ދީ ބިރުދެއްކުމަށް ހިތްވަރު ލިބޭ ގޮތަށް ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވާހަކަދެއްކެވުމަކީ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާ ކަމެއް ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.

މިއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ވާހަކަތަކަކެއް ކަމަށާއި، އެހެންކަމުން ބައެއްގެ މައްޗަށް އަނިޔާވެރިވެ އެ މީހުން މެރުމަށް ފަލާހު ގޮވާލެއްވި މައްސަލަ ބަލާ ތަހުގީގުކޮށް އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް އޮފީސް ސަރަހައްދުގައި އިހުތިޖާޖުކުރި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފަލާހް ދެއްކެވީ ވަރަށްދެރަ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުން އެ ބިލު ވަނީ ބަލައިގަންނަން ފާށްކޮށް ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. މި ބިލާ ގުޅޭ ގޮތުން މިއަދު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެ ބިލާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައި އަދި ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރަން ފެންނަ ކަމަށް ނިންމާފައެވެ.