މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިވަގުތު ބާއްވަމުންދާ ޕްރެސް ކޮންފެރެންސްގައި ހިންހަމަ ނުޖެހި ގިނަ އަދަދެއްގެ ނޫސްވެރިން ޕްރެސް ކޮންފްރެންސް ދޫކޮށް ގޮސްފިއެވެ.

މި ކޮންފްރެންސްގައި މީޑިއާ ކޮމިޝަން ބިލު ބޭރު ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދް އުޝާމް ވަނީ ވިދާޅުވެފައެވެ. އުޝާމް ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލް އިން ފޮނުވި ޑްރާފްޓް ބިލްއެއް ދައްކަވާފައެވެ.

މިކަމާ ހިންހަމަ ނުޖެހި ނޫސްވެރިން ވަނީ އެ ބިލު އެއްވެސް ނޫސްވެރިއަކަށް ފެނިފައިވެސް ނުވާކަމަށާއި، އޭރު މީޑިއާ ކައުންސިލުން ފޮނުވި ބިލެއް މިވަގުތު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފައެވެ.

އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން މި ޑްރާފްޓް ފޮނުވާފައިވަނީ މީޑިއާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އުޝާމް ވަނީ އެ ޑްރާފްޓް ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާ ދެމެދު މާ ބޮޑު ތަފާތެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމާ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ގުޅިގެން ނޫސްވެރިން ވަނީ އިއްޔެ އާއި މިއަދުވެސް އިހުތިޖާޖުކޮށްފައެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވަމުން އަންނައިރު، މި ބިލުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.