މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ނޫސްވެރިންނާ ބައްދަލުކޮށް މީޑިއާއަށް ހުރަސް އެޅޭނެ އެއްވެސް ކަމަކަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މި ދެ ބޭފުޅުން ނޫސްވެރިންނާ މިއަދު ބައްދަލުކޮށްފައި ވަނީ އެ ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ އިސްވެރިންނާ ބައްދަލުވާން ގޮވާލަމުން ދަނިކޮށެވެ. އެގޮތުން ނޫސްވެރިންނާ މި ދެބޭފުޅުން ނުރަސްމީކޮށް ބައްދަލުކުރައްވާފައި ވަނީ ރައީސް އޮފީހުގެ ބޭރުގައި ހުންނަ "މީޑިއާ ފެންޑާ" ގައެވެ.

ހަލީލް އާއި އަސްވާޑު އެތަނަށް ވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ބިލުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވާ ވަކިވަކި މާއްދާތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތަށް ހުރަސް އެޅޭނެ އެއްވެސް ކަމަކަށް ސަރުކާރުން ތައީދު ނުކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށް ވާ ނަމަ، މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު މަޖިލީހަށް އެ ބިލު ބަލައިގަތް ސަބަބާ މެދުގައި ސުވާލު އުފެދޭ ކަމަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލު އުފައްދާފައި ވެއެވެ.

ނޫސްވެރިންނަށް ޖަވާބުދެއްވަމުން އަސްވާޑު ވިދާޅުވީ އެ ބިލުގައި ވެސް ބަލައިނުގަނެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް އެ ބިލުގައި އެއްބަސްނުވެވޭ ކަންކަން އަސްވާޑު ހާމަކުރައްވާފައެއް ނުވެއެވެ.

މަޖިލީހަށް މި ބިލު ހުށަހަޅައި، އޭގެ ބަހުސް ފެށީ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު ބޭއްވި ޖަލްސާގައެވެ. ނަމަވެސް އެ ޖަލްސާއާ ދިމާކޮށް ނޫސްވެރިން އިހުތިޖާޖުކުރުމުން ޖަލްސާ ކުރުކޮށްލައި ނިންމާލިއެވެ. އެއަށްފަހު އިއްޔެ މަޖިލީހުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ވޯޓަށް އަހާފައެވެ. ޗުއްޓީގައި އޮއްވަ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުން އެ ބިލު ވަނީ ބަލައިގަންނަން ފާށްކޮށް ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. މި ބިލާ ގުޅޭ ގޮތުން މިއަދު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެ ބިލާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައި އަދި ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރަން ފެންނަ ކަމަށް ނިންމާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް "ހަތަރެއްގެ ހައްގުގައި"ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބިލު އަނބުރާ ގެންދިޔުމަށް މެންބަރުންނަށް ގޮވާލައި ނޫސްވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މިހާތަނަށް އައި އިރު ގިނަ އަދަދެއްގެ ނޫސްވެރިން އެ ޕެޓިޝަންގައި ވަނީ ސޮއި ކޮށްފައެވެ.

ޕެޓިޝަންގައި ބުނެފައިވަނީ އެ ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށެވެ. އަދި ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނަފާއިވާ ކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާ މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލާފައިވާތީ މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އަމިއްލަ މެންބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިއަޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.