ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވާ 3 މަގާމަށް މުހައްމަދު ނާސިހާއި، ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ނާސިހަކީ މިހާރުވެސް އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ޑރ. ދީބާއަކީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުންނެވެ. އަދި ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލެވެ.
ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެއެވެ.
މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަން ޖެހެއެވެ. އެހެންކަމުން މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް އަށް ފެނިވަޑައިގަންނަވާ 6 ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް މަޖިލީހަށް ވަނީ ފޮނުއްވާފައެވެ.
ރައީސް ފޮނުއްވި ނަންތައް ތަރުތީބުން:
- މުހައްމަދު ނާސިހު، މ. ފަލްކަންގެ
- ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު: 1325
- ޑރ. ދީބާ މޫސާ، މ. ވައިޓްބެލް
- ބަދުރިއްޔާ މޫސާ، ދަފްތަރު ނަންބަރު: ރސ 2414
- ޑރ. ފާތުމަތު މުނާ، ވާދީއާގެ ގއ. ވިލިނގިލި
- އައިމިނަތު އުއްމުކުލްޘޫމް، މޫންލައިޓް ހައުސް، ސ. މަރަދޫ
ނާސިހު އައްޔަން ކުރުމަށް 52 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ދީބާ އައްޔަން ކުރުމަށް 60 މެމްބަރުން އަދި ފާއިޒު އައްޔަން ކުރުމަށް 54 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.