މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ބަލައިގަތުމާއި ގުޅިގެން ރައީސްއޮފީސް ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރުމަށްފަހު ރިޔާސީ ގަނޑުވަރު، މުލިއާގެ ކައިރީ އަޑު އުފުލަން ފަށައިފިއެވެ.

އިހުތިޖާޖު ކުރަމުންދާ ނޫސްވެރިން ދަނީ މި ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލަމުންނެވެ. އަދި ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް އެދި ނޫސްވެރިން ދަނީ ގޮވާލާ އަޑު އުފުލަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި އިހުތިޖާޖުގެ ބައިވެރިން ރައީސް އޮފީސް ކައިރީގައި ތިއްބައި ފުލުހުން ހުރަސްއަޅާ، ބައެއް ނޫސްވެރިން މިއަދު ހައްޔަރުވެސް ކުރިއެވެ. އޭގެތެރޭގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެމްއެމްސީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ 'ދައުރު' ނޫހުގެ ބައެއް ނޫސްވެރިންނާއި 'އަދަދު' ނޫހުގެ ނޫސްވެރިންގެ އިތުރުން މީޑިއާ ރެގިއުލޭޓެ ނުކުރެވޭނެ ކަމަށާއި ބިލް ބޭރުކޮށްލަން ގޮވާލި ބައެއް ނޫސްވެރިން ހިމެނެެވެ.

ހައްޔަރު ކުރި ނޫސްވެރިން މިހާރު ވަނީ ގާނޫނީ އިންޒާރު ދިނުމަށްފަހު ދޫކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު މަޖިލީހަށް ހުށަހެޅި މީޑިއާ ބިލުގައި ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ބޮޑެތި އަދަބުތައް ދެވޭގޮތަށް އޮތުމުގެ އިތުރުން ނޫސްތަކުގެ ލައިސަންސް ހިފަހައްޓައި ނޫސް އިދާރާ ބަންދު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައި ވެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތްތަކުގެ ބާރުގައި މީޑިއާ ހައުސްތައް ބަންދު ކުރެވިދާނެ ފަދަ މާއްދާތައް ވެސް ހިމަނާފައި ވެއެވެ.

މިއަދު މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވަނީ 49 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލު ބޭރުކޮށްލުމަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ.