މީޑިއާ ކޮމިޝަނުން ނަގަހައްޓަން ޖެހޭނެ އަސާސީ ހަމައަކީ ޤާނޫނު އަސާސީގެ 27، އަދި 28 ވަނަ މާއްދާގައި ބުނެފައި ވާ މިންވަރަށް އެ ހައްގުތައް ކަށަވަރު ކުރުމުގެ އަސާސެވެ. ނަމަވެސް ފަރުވާ ކޮށްފައި މިހާރު އޮތް ބިލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަސާސީގެ 28 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައި ވާ މިނިވަންކަން 'ވީހާވެސް ފުޅާ ދާއިރާއެއްގައި' ކުރިއަރުވާނެ ވާހަކަ އެވެ.
އާ ގާނޫނުގެ ދަށުން ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރަނީ އެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރާ ގޮތަށް، ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންގެ ވޯޓުން ކަމަށް ބުނެފައި ވުމުން، ޕަބްލިކް ސާވިސް މީޑިއާފަދަ 400-500 މުވައްޒަފުން މަސައްކަތް ކުރާ އިދާރާއެއްގެ ހުރިހާ މުވައްޒަފުންނަކީ 'ނޫސްވެރިން' ކަމަށް ބަލައިފިނަމަ، މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ކޮމިޝަންގައި ތިބޭނީ މުޅިންވެސް ސަރުކާރުގެ މެންބަރުންނެވެ.
އާ ގާނޫނުގެ 28 ވަނަ މާއްދާގައި މަގާމު ހުސްވާ ސިފަތަކުގެ ތެރޭގައި، 'މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ކަމެއް' ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މެންބަރަކަށް ފެނިއްޖެ ނަމަ ވަކިވާނެ ކަމަށް ބަޔާންކޮށްފައި ވާއިރު އެއީ ކޮންބާވަތެއްގެ ކަމެއްކަން ނުބުނެ އެއީ މަޖިލީހުގެ މެންބަރުންގެ އިހުތިޔާރަށް ދޫކޮށްލައިފައި އޮތް ކަމެއްގެ ގޮތުގައި މާނަ ކުރުމުގެ ފުރުސަތު އެބައޮތެވެ.
މި ކޮމިޝަނަކީ، މީޑިއާގެ ބެލެނިވެރިފަރާތުގެ ގޮތުގައި ކަނޑައަޅާ ކޮމިޝަން ކަމަށް ވާއިރު، ކޮމިޝަނުގެ ބައްދަލުވުން މަހަކު 1 ފަހަރު ބާއްވާ ގޮތަށް އޮތުމުން، ދުވަހުން ދުވަހަށް ކުރަން ހުންނަ މަސައްކަތްތައް ބަލައި ނިންމުމުގެ ފުރުސަތު ނޯންނަ ގޮތަށް އޮތުމުގެ ބޭނުމާ މެދުވެސް ސުވާލު އުފެދެއެވެ.
ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ގުޅޭގޮތުން އޮތް 39 އަދި 40 ވަނަ މާއްދާއަށް ބަލާއިރު، ވެރިކަން ދެމެހެއްޓުމަކީ ނޫސްވެރިޔާ ކުރަންޖެހޭ ކަމެއް ކަމުގައި ނުވާއިރު އެކަން ކުރުމަށް ހިމަނާފައި ވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި ސުލޫކީ މިންގަނޑުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އުމުރާ އެކަށީގެންވާ ގޮތަށް ޕްރޮގްރާމްތަކާއި ފިލްމުތައް ގިންތި ކުރަން މި ގާނޫނުގައި ހިމަނާފައި ވާއިރު އެފަދަ ކޮންޓެންޓް ގިންތި ކުރުމަކީ މިހާރު ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން އެއިދާރާއަށް މަތިކޮށްފައި އޮންނަ ކަމެކެވެ.
މަސްދަރު ހާމަ ކުރުމަށް މަޖުބޫރު ކުރުމަކީ، ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފައާ މުޅިން ހިލާފު ކަމަކަށް ވާއިރު، އާ ގާނޫނުގެ 41 ވަނަ މާއްދާގެ (ބ) ގައި 'އެ މައުލޫމާތު ދިން ފަރާތް ހާމަ ކުރުމަކީ ގާނޫނަކުން ލާޒިމު ކުރާ ކަމެއް ކަމުގައި ނުވާހާހިނދަކު' ކަމަށް ލިޔެ ދޫކޮށްލާފައި ވާ އިރު، މިހާރު އޮތް ހެއްކާ ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުވޭގޮތަށް އޮތުމަކީ މި މާއްދާގެ ބާރު ކެނޑިގެން ދާ ސަބަބެކެވެ.
ހަމަ އެ މާއްދާގެ (ޅ) ގައި ފާޑުކިޔާ ހިޔާލުފާޅު ކުރާ އިރު ކިޔޭ ފާޑާއި އިންސާފުވެރިކަމާ ހަމަހަމަ ކުރަން ވާނެ ކަމަށާއި ހާމަ ކުރެވުނީ ތެދުމައުލޫމާތު ނޫން ކަމަށް ވާނަމަ ވީއެންމެ އަވަސް ފުރުސަތެއްގައި އެކަން އިސްލާހު ކުރަން ބުނެ ދޫކޮށްލާފައި ވުމުން، މުއްދަތެއް ބަޔާން ކޮށްފައި ނެތުމާއި، 'ކިޔޭ ފާޑާއި އިންސާފުވެރިކަން ހަމަހަމ ކުރާނެ' މިންގަނޑެއް ނެތުމަކީ އެފަދަ ފާޑުކިޔުމަށް ފުޅާދާއިރާއެއްގައި ދޫކޮށްލެވިފައި އޮތުން ކަމުގައި މާނަ ކުރެވެއެވެ.
އާ ގާނޫނުގައި ނޫސްވެރިންގެ ދަފްތަރާ ގުޅޭ 58 ވަނަ މާއްދާގައި ނޫސްވެރިންގެ ގޮތުގައި ބަލާނެ މީހުންގެ ތެރޭގައި ހިމަނާފައިވަނީ ހަބަރާއި ފީޗާ އާޓިކަލާއި ރިޕޮޓު ލިޔާ މީހުންނާއި ފޮޓޯ ނަގާ މީހުންގެ އިތުރުން އިލެކްޓްރޯނިކް ވަސީލަތެއްގައި ހަބަރާއި މައުލޫމާތު ފަތުރަން އުޅޭ މީހުން އެކަންޏެވެ.
މިއަދު ނިއު މީޑިއާގެ ވަސީލަތްތަކާއި ކޮންޓެންޓް ކްރިއޭޓަރުންގެ ތެރޭގައި އެކި ގިންތީގެ އެކި ޖޮންރާގެ ކޮންޓެންޓް ލިޔެ އަޑާއި ވީޑިއޯ އަދި އާޓިސްޓުން ހިމެނޭ އިރު، ދަފްތަރު ކުރަންޖެހޭ އެންމެން ނުހިމެނޭ ގޮތަށް ގާނޫނުގައި ލިޔުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ.
ފިޔަވަޅު އެޅުމާ ގުޅޭގޮތުން އެޮތް 65 ވަނަ މާއްދާގެ ދަށުން ކޮންޓެންނަށް ބާރު ފޯރުވުމުގެ ގޮތުން، ވަކި ކަމެއް ކުރަން އެންގުމާއި، އާންމު ވިޔަފާރިއަކާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގާ މަރުހަލާގައި އެ ވިޔަފާރިއެއްވެސް ނުހުއްޓުވާ އިރު، ނޫސް މަޖައްލާތަކަށް އަމާޒު ކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނަ ކުރުމާއި މައްސަލައެއް ހުށަހެޅި ބަލަމުންދާ މުއްދަތުގައި ރަޖިސްޓްރީ ބާތިލު ކުރަން އާ ގާނޫނުގައި ހުށަހަޅާފައި އޮތުމަކީ ނުރައްކާތެރި ހުށަހެޅުމެކެވެ. އަދި ފަރުތާ ކޮންޓެންޓަކީ 'އާންމު ނިޒާމު' އަށް ނުރައްކަލެއް އޮތް ކޮންޓެންޓެއް ކަމަށް ބަލައި ސަލާމަތީ ބާރުތައް މެދުވެރިކޮށް އެތަނެއް ބަންދު ކުރުވޭ ގޮތަށް މާނަ ކުރަން ދެމިޔަލައި ދޫކޮށްލާފައި އޮތުމަކީވެސް ބިރެކެވެ.
ނޫހުގައި ޝާއިއު ކުރާ ކޮންޓެންޓަށް ޒިންމާ ވާން ޖެހޭ ފަރާތަކީ އެޑިޓަރު ކަމުގައި އޮންނަ ހަމައިން ބޭރުން ކޮމިޝަނުން ބޭނުން ނަމަ ވަކިވަކި ނޫސްވެރިންނަށް އިދާރީ ފިޔަވަޅު އަޅަން ހިމަނާފައި ވުމަކީ ވަކިވަކި އިދާރާތަކުގެ އިތުތިސޯސްގެ ތެރެއަށް ކޮމިޝަނުން ވަނުމަށް ބާރުދިނުން ކަމުގައި މާނަ ކުރެވެއެވެ.
ހަމަ އެހެންމެ ގާނޫނުގެ 68 ގެ މާއްދާގައި ވެސް ވަކިވަކި ނޫސްވެރިންގެ މައްޗަށް ކޮމިޝަނުން ބާރުފޯރުވުމުގެ އިހުތިޔާރު ދީފައި އޮތުމަކީ ވަކިވަކި އިދާރާތަކުގެ ސުލޫކީ މިންގަނޑުގެ މައްޗަށް ބާރުފޯރުވުން ކަމުގައި މާނަ ކުރެވެއެވެ.
އާ ގާނޫނުގެ 71 ވަނަ މާއްދާގައި ކޮންޓެންޓާ ގުޅޭ މައްސަލަ ބަލަން ކޮމިޓީއެއް އެކަލަވާލާއިރު، އާ އީޖާދީ ކޮންޓެންޓު ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި އުފައްދާ ކޮންޓެންޓާ ގުޅޭ އެއްވެސް ވާހަކައެއް ހިމަނާފައި ނުވެއެވެ. އަދި މުޅި ގާނޫނުގައި ވެސް އޭއައި އާ ގުޅޭ އެއްވެސް އުފެއްދުމަކާ ގުޅޭ ވާހަކައެއް ދައްކާފައެއް ނުވެއެވެ.
އަދި ހަމަ އެހެންމެ ނޫސްވެރިޔާ ނުވަތަ މީޑިއާ އަކުން ކުރާ ކުށެއްގެ މުގާބިލުގައި އަޅާނެ ފިޔަވަޅު އާ ގާނޫނުގެ ދަށުން ބަޔާން ކުރާ އިރު، އެކަން އިސްތިސްނާކޮށް އެހެން ގާނޫނަކުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ދީފައި އޮތުމަކީ ކޮމިޝަން ގާނޫނުގައި ބުނާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް ލިބިދިނުމަށް މަގުފަހިކޮށްފައި އޮތުން ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.