ކެއްސާތީ ބޭނުންކުރާ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕް ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.
ދިވެހިން އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަ ކޮފްސީ ސިރަޕް ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފައެވެ.
އެ ފަހަރު މަނާކޮށްފައި ވަނީ ބޭހުގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިގެންނެވެ. އެއާއެކު އިތުރު ތަހުލީލުތައް ހެދި ނަމަވެސް އެ ބޭހުން އިތުރު މައްސަލައެއް ފެންނަން ނެތުމުން ވަނީ އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ ދީފައެވެ.
އެކަމަކު އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އަދި އެފަދައިން ނިންމާފައި ވަނީ ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވުމުގެ ސަބަބުން ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ހަމަ އެހެންމެ އެމްއެފްޑީއޭ އިން ވަނީ އެއްވެސް ފާމަސީއެއްގައި އެ ބޭސް ވިއްކަން ހުރި ނަމަ، ނައްތާލަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އަންގައިފަ އެވެ.
ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އެ އޮތޯރިޓީއަށް ރިޕޯޓު ކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބޭހަކީ އިންޑިއާގެ ޗެންނާއީގެ ކުންފުންޏަކުން އުފައްދާ ބޭހަކަށްވާއިރު އިއުލާނާ އެކު އާންމުކުރި ފޮޓޯގައި ވެސް ސިރަޕު ތެރޭގައި ކުނޑިތައް ހުންނަ މަންޒަރު ފެނެއެވެ.