ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުޞޫލު މިއަދު ގެޒެޓް ކޮށްފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ 'މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު' ގެ ދަށުން ފައިސާ ދޫކުރާނެ އާންމު އުޞޫލަކީ 3 ޕޭމަންޓަކަށް ބަހާލައިގެން ކަމަށް ވިޔަސް ކޮންމެ މީޑިއާ އަކަށް ވެސް ލިބޭ މިންވަރު މިއަހަރު 1 ޕޭމަންޓުގެ ގޮތުގައި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށްޓަކައި ފުރިހަމަ ވާން ޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

މެދުނުކެނޑި ޚިދުމަތް ދޭތާ 3 އަހަރު ވެފައި ވާނަމަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައި އޮތް މި ގްރާންޓަށް ކުރިމަތި ލުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަތުރުތައް އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެެވެ. އެ ގޮތުން އާންމުންނަށް އެ މީޑިއާއަކާ މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއު ކޮށްފައި އޮތުމާއި، ޓެކްހާ ގުޅޭ ގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ދިޔުމާއި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުމުގެ އިތުރުން އެ މީޑިއާއެއްގެ މުވައްޒަފުންގެ މުސާރަ އާ ގުޅޭ މުޢާމަލާތްތައް ހިންގަމުން ދަނީ ބޭންކެއް މެދުވެރި ކަމުގައި ވުން ހިމެނެއެވެ.

މީގެ އިތުރުން އެ މީޑިއާއެއްގެ މަސްއޫލު ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ އެ ދަރަނި އަދާކުރަމުން ދާ ފަރާތެއް ކަމުގައި ވުމީވެސް އުޞޫލުގައި ބަޔާން ކުރާ ޝަރުތެކެވެ.

މި އުޞޫލުގައި ފާހަގަ ކޮށްފައި ވާ ގޮތުން، ބްރޯޑްކާސްޓް މީޑިއާ އަދި ޕްރިންޓާއި އޮންލައިން މީޑިއާ ނުވަތަ ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ހިންގާ މީޑިއާ ހިމެނޭހެން، އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގާނަމަ، ކޮންމެ ބާވަތަކުން 1 މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މާލީ އެހީ ދިނުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ޤާއިމު ކުރެވި ޕްރޮޕޯޒަލް ހުށަހެޅުމާ ހަމައިން ފެށިގެން ފައިސާ ދޫކުރުމާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓާނީ ޕޯޓަލްގައެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހަޅަމުން ދާ އިރު އެ ފަރާތަކަށް ލިބޭ ވަގުތީ ޕޮއިންޓް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި މި ޕޯޓަލް ތައްޔާރު ކުރެވިފައި ވަނީ، ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިންމާ ފަހުން، އެ ފަރާތުން އެޕީލް ކުރަން ބޭނުން ވާނަމަ އެ ފުރުޞަތުވެސް ލިބޭ ގޮތަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅި މީޑިއާއަކާ މެދު ޝަކުވާއެއް ކުރަން ބޭނުންވާ މަސްލަހަތެއް އޮތް ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭ ގޮތަށެވެ.

މި މަރުހަލާގައި ލިބޭ ޝަކުވާތައް ބަލައި ޢަމަލު ކުރަންވީ ގޮތް ކަނޑައަޅާނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރަކާއި، މީޑިއާ ކައުންސިލްގެ މެންބަރެއްގެ އިތުރުން މީޑިއާ އެސޯސިއޭޝަނެއްގެ މެންބަރަކާއި މާލީ ވުޒާރާގެ މެންބަރަކާއި މި މިނިސްޓްރީގެ މެންބަރަކު ހިމެނޭ ގޮތުން އެކުލަވާލައިފައި އޮންނަ ކޮމިޓީއަކުންނެވެ.

މީގެ އިތުރުން އެ މީޑިއާއަކަށް ލިބޭ ޖުމްލަ ޕޮއިންޓާއި ލިބޭނެ ޖުމްލަ ފައިސާގެ ޢަދަދު އާންމުކޮށް ފެންނަން އޮތުމާއެކު ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި އެ މީޑިއާއަކަށް ލިބޭ ފައިސާ އެ މީޑިއާގެ އެކައުންޓަށް ޖަމާވެގެން ދާނެ ކަމަށް ވެސް މި އުޞޫލުގައި ބަޔާންކޮށްފައި ވެއެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލް އަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭ އިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު ވެސް އުޞޫލުގައި ބަޔާން ކޮށްފައި ވެއެވެ.

އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިއަން ރުފިޔާ ބެހިގެން ދާ ގޮތުގެ ފޯމިއުލާ ވެސް ބުނެދީފައި ވެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.

މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާ ތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައި ވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ.