އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ބިލު ފަރުމާކޮށްފައި ވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަން އެމްއެމްސީން ފާހަގަކުރެއެވެ.
އެ ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭނެ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި އެ ބިލުގައި ވަނީ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ކަމަށް ވެސް އެމްއެމްސީން ބުނެއެވެ.
ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، މި ބިލު އެކުލަވާފައި ވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށެވެ. މީގެއިތުރުން މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރި ކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވާ ކަމަށް ވެސް އެމްއެމްސީން ބުނެއެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ވެސް މިކަންކަން ފާހަގަކޮށްފައިވާ އިރު، އެމްޖޭއޭގެ ކަންބޮޑުވުމުގެ ތެރޭގައި މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެލީ އިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މި ބިލާ ގުލޭ އެކި ކަންކަމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރުވާއިރު، ޕާޓީއަކަށް ނިސްބަތް ނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި މި ބިލު މަޖިލީހަށް ހުށަހެޅުމަކީ މި ކމަުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތް ކަން ދޭހަވާ ކަމެއް ކަމަށް އެމްޖޭއޭ އިން ބުނެއެވެ.
މި ސަަބަބުތަކާ ހުރެ އެމްއެމްސީ އާއި އެމްޖޭއޭ އިން މި ބިލަށް ތާއީދު ނުކުރާ ކަމަށާއި އަދި އެ ބިލު އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައެވެ.