ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ނަން އޮތް އަދި ލިޔުން ވެސް ހަވާލު ކުރި ފަހުން އެ ލިސްޓުން ނަން އުނިކުރި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލު ކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފްލެޓް ލިސްޓު އާންމު ކުރި ނަމަވެސް ގިނަބަޔަކު ވަނީ އެ ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއެކު ލިސްޓު ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހުންނަށެވެ. އަދި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރި ނަމަވެސް ދާދިފަހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.

އެކަމަކު ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު އޭރު ވެސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައި ވެއެވެ. މި ފްލެޓުތައް ލިބޭ މީހުންނާ އެކު ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ޝަރުތު ހަމަނުވެގެން ފްލެޓު ނުލިބޭ މީހުންނަށް އެކަން މިނިސްޓްރީން ދަނީ އަންގަމުންނެވެ.

ނަމަވެސް މިއަދު ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ވެރި ފަރާތުން އެދިފައި ވަނީ ފްލެޓު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައިވާ ބައެއް މީހުން އެ ލިސްޓުން އުނިކޮށް، އެހެން މީހުންނަށް އެ ފްލެޓުތައް ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ.

އާންމު މީހަކު ހުށަހެޅި މި މައްސަލައިގައި އެހީތެރިވެދޭ މާލޭ ސިޓީ ކައުންސިލުގެ މެންބަރު ސައިފް ފާތިހު ވިދާޅުވީ އުންމީދަކީ މިގޮތަށް ދިމާވެފައި ހުރި ވަކިވަކި ބޭފުޅުންގެ މައްސަލަތައް ކޯޓަށް ވެއްދުން ކަމަށެވެ. އަދި ފްލެޓް ލިބިފައި ހުރި ބޭފުޅުންގެ ފްލެޓުތައް އެހެން ފަރާތަކަށް ނުދިނުމަށް އަމުރުގައި އެދިފައިވާނެ ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

ކޯޓަށް މި މައްސަލަ ހުށަހެޅުމަށްފަހު ސައިފް މީޑިއާތަކާ ވާހަކަ ދައްކަވަނީ

ކޯޓަށް މި މައްސަލަ ހުށަހެޅުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ، އެ މައްސަލާގައި އެދުނީ މައްސަލާގެ މައުލޫއީ މައްސަލަ ވެއްދުމުގެ ކުރިންނާއި، އެ މައްސަލާގައި ކޯޓުން ގޮތެއް ނުނިމެނީސް އެ ފްލެޓު އެހެން މީހަކަށް ދީފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމަށް ނިންމާފައިވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.

ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު، 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.