ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ އެފްޑީސީގެ ފްލެޓްތައް ލިބުނު ފަރާތްތަކުން ފާހަގަކުރި ކުއްޔާއި އެޑްވާންސްޑް ޝަކުވާތަކާއި ގުޅިގެން އެކަންކަމަށް ލުއިގެނެސްދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10،500 ރުފިޔާ، 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ ވެސް 1 މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް އެޗްޑީސީއަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު 2 ލައްކަ ރުފިޔާ އުނިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
