ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފުލެޓުތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނު ބަދަލުކޮށްގެން ވެސް ހައްލެއް ހޯއްދަވާނެ ކަމަށް ހައުސިންގް މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ނުވަތަ ފަހި ފްލެޓްތައް ހަވާލުކުރިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ފޮޓޯއާ އެކު ކުއްޔަށް ދޭން އިއުލާން ކުރުމާއެކު ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފްލެޓްތައް ދޫކޮށްފައި ވަނީ ބޯ ހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ތޯ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން ހައުސިންގް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސޯޝަލް ހައުސިން ސްކީމުތައް ހިންގާ އެޗްޑީސީ އަދި އެފްޑީސީ އާއި ގުޅިގެން ފުލެޓުތައް ކުއްޔަށް ދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަން ފާހަގަކޮށް މުއްތަލިބް އިތުރަށް ވިދާޅުވީ، ގާނޫނީ ގޮތުން ނަމަވެސް މިކަމަށް ހައްލެއް ގެންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ބައެއް ފްލެޓުތަކުގައި ލޭބާ ކުއާޓާޒް ހަދައިގެން ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާތައް ވަނީ ލިބިފައެވެ.

"ހިޔާ ފުލެޓުގަ އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބާ ކުއާޓާޒް ހަދާފަ ހުންނަ ކަމަށް. މިއީ ރައްޔިތުން. ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަނޭ، މިގޮތަށް މިކަން ހިނގާ ނަމަ މިއީ ވެވޭ ބޭއިންސާފެއް"
މުއްތަލިބް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދިނުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ފްލެޓު ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރިތާ މާ ގިނަ ދުވަހެއް އަދި ނުވާއިރު، ފްލެޓް ބޮޑު ކުއްޔަށް ދޫކުރަން ފޭސްބުކުގެ އެކި ޕޭޖުތަކުގައި ޖަހާފައިވާއިރު އެތަންތަން ކުއްޔަށް ދޫކުރަން ޖަހާފައި ވަނީ 25،000ރ. އަގަކަށެވެ. އެކަމަކު ސަރުކާރުން އެތަން ދޫކޮށްފައިވާ އަސްލު އަގަކީ 11،500ރ. އެވެ.

އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިއުލާނުކުރިއިރު އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައި ނުވެއެވެ. ބޮޑު އަގުގައި ސޯޝަލް ހައުސިންތައް ކުއްޔަށް ދޫކުރާ މައްސަަލަ ދޭތެރެއަކުން ފެންމަތިވާ މައްސަލައަކަށްވާއިރު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ.