ރައީސަށް ލަފާދޭ ޒުވާނުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ މާހިލް ޝަހީމް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެކި ދާއިރާތަކުން ރައީސް މުއިއްޒަށް ލަފާއަރުވާ ބޯޑަށް މާހިލް އައްޔަން ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.
އެ ބޯޑުން މާހިލް އިސްތިއުފާ ދެއްވާފައި މިވަނީ ރާއްޖެއަށް އެތެރެކޮށް, ބޭނުންކުރުން ވެސް މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓާ ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މާހިލް އާއި އިތުރު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓާފައިވާއިރު އޭނާ ވަނީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ. އެއާއެކު މާހިލްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އޭނާގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
އެ މައްސަލައާއި ގުޅިގެން ކަސްޓަމްސްއިން ބުނީ ރާއްޖެ އައި އެއާ އޭޝިޔާ ފްލައިޓުން އައި 2 މީހެއްގެ އަތުން ވޭޕް ފެނިފައިވާ ކަމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އެ ދެ ފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަނުން އެކަކު އަތުން 118 އަދި އަނެނަކު އަތުން 107 ވޭޕް ފެނިފައިވާކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އާންމުކޮށްފައި ނުވި ނަމަވެސް އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ އޭގެ ތެރެއިން އެކަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިފުޅު، މާހިލް ކަން ކަށަވަރު ކޮށްދީފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ އެކު ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމެއް ކުރާ މީހަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ.
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މާހިލް ޒުވާނުންގެ ބޯޑުން އިސްތިއުފާ ދީފައިވާއިރު މީގެ ކުރިން ޒުވާނުންތަކެއް މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް, ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސް ދާއޫދު އަހުމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.