ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައި، ޒުވާނުން ބާރުވެރިކުރުވުމުގެ އަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަގީންކަން ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުންތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ފޮނުއްވައިފިއެވެ.
މި ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފާތު ހާލަތްތަކުން އަންނަ މީހުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށްފައިވާ މިއަހަރުގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ތަފާތު ރަށްރަށާއި ސަގާފަތްތަކުގެ ޒުވާނުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ނަމަވެސް، ފެންވަރު ރަނގަޅު ތައުލީމާއި، މާނަހުރި ފުރުސަތުތަކާއި، އަބުރުވެރި ދިރިއުޅުމަކީ ހުރިހާ ޒުވާނުންވެސް އެދޭ އުންމީދުތަކެކެވެ.
ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކަކީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި އެ މީހުން އަދާކުރާ މުހިންމު ދައުރުގެ ހެއްކެއް ކަމަށެވެ.
ޒުވާނުންނަށް ވަޒީފާގެ މައިދާނުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި ނޭޝަނަލް ސާވިސް ޕުރޮގުރާމަކީ ތައުލީމީ މައިދާނުން ވަޒީފާގެ މާހައުލަށް ޒުވާނުން ބަދަލުވުމުގެ މަރުޙަލާ ފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އެމަނިކުފާނު ޔަގީންކަން ދެއްވި ގޮތުގައި، ޒުވާނުންގެ ހިޔާލާއި އަޑަކީ ގައުމީ ތަރައްގީގެ އަގުހުރި އުންސުރުތަކެކެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމީ ތަރައްގީގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަމާއި ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ޒުވާނުންނަށް ހިތްވަރު ދެއްވައި މެސެޖެއް ދެއްވާފައެވެ. އެކަމަނާ ވަނީ ކޮންމެ ޒުވާނަކީވެސް އަގުހުރި ހުވަފެންތަކެއް ދެކޭނެ މީހެއްކަން ފާހަގަކުރައްވައި، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ޒުވާނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
