ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާއެކު ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލޯކަލް ގަވާމެންޓް މިނިސްޓްރީއިން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި 1 އަހަރުތެރޭގައި 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ތެރޭގައި ކައުންސިލް އިމާރާތުގެ ވަށާފާރު ރޭނުމުގެ އިތުރުން ކައުންސިލަށް ބޭނުންވާ ފަރުނީޗަރު ހޯދުން ހިމަނާފައިވާކަން ލޯކަލް ގަވާމެންޓް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މި މަޝްރޫއުގެ އަގު އެ މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކަށެވެ. އެހެންނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ލޯކަލް ގަވާމެންޓް މިނިސްޓްރީއިން ވަނީ މެލޭޝިއާގެ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުން ބާތިލްކޮށްފައެވެ.