ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، މިހާތަނަށް 1202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.

އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީކުރި 4000 ސޯޝަލް ހައުސިން ޔުނިޓުގެ މަޝްރޫއުގެ 1000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު މިއީ އެ ކޯޕަރޭޝަނަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

އެފްޑީސީން އިތުރަށް ބުނީ މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރަން ދާން ޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އެދުވަހެއްގައި ސޮއިކުރަން ދާން އަންގާ މީހުން އެކަނިކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ފޮނުވާ ލިސްޓަކަށް ބަލައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މި މަޝްރޫއުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމަށް ނިންމާފައިވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.

ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު، 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.