މިދިޔަމަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް ވަނީ ޖުމްލަ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. އަދި މިދިޔަ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވު 203 މިލިޔަން ޑޮލަރުގައި ހުރިއިރު ޖުލައި މަހަށް ވަނީ 5 ޕަސެންޓުގެ ކުރިއެރުމެކެވެ.
މީގެ އިތުރުން ޖޫންމަހާ، އަޅާބަލާއިރު ޖުލައި މަހުގެ ރަސްމީ ރިޒާވު ދަށްވެފައި ވިޔަސް ޖުލައިމަހު ރަސްމީ ރިޒާވުގައި 774.52 މިލިޔަ ޑޮލަރު އެބަހުއްޓެވެ. ޖޫންމަހުގެ ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރުގައި ހުރިއިރު ޖުލައި މަހަށް އައިސްފައި ވަނީ 6 ޕަސެންޓުގެ ދަށްވުމެކެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އޭގެ ތެރޭގައި ބޭރުފައިސާގެ އައު ގާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވަށް ނެގުން ހިމެނެއެވެ. އަދި ބޭންކް އޮފް އިންޑިއާއާއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މިއީ މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ސަރުކާރުން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހޭ އަހަރުކަމުގައި ވާއިރު، އެމްއެމްއޭއިން ވަނީ މިކަމަށް ތައްޔާރުވުމަށް ވެސް ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ވާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުކުރީ 21.9 ބިލިއަން ރުފިޔާއެވެ.