އާ ޓާމިނަލް ތަރައްގީކުރުމަށް ފަންޑު ހޯދުމަށް ސައުދީ ސަރުކާރާއެކު، ކުރީ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަން ހަމަނުޖެހުނު ކަމަށާއި މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަކީ މުޅި ދުނިޔެ ބަލައިގަންނަ ސިޔަސަތުތަކެއްކަން ހާމަކުރައްވާފައެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމުގެ ނަތީޖާއަކީ އަރަބި އިސްލާމީ ގައުމުތަކާއިއެކު ރަނގަޅު ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރިއެއްކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮތީ އަހުވަންތަ ގާތް ގުޅުމެއްކަމަށާ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށްވުރެ މިހާރު މާ ވަރުގަދަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ސައުދީ ފަންޑުގެ ވަރަށް ބޮޑު ހިއްސާއެއްވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ޓާމިނަލް ތަރައްގީކުރުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިސަރުކާރު ވެރިކަމުގައި ކަމަށެވެ. އަދި ޓާމިނަލް އެޅުމަށް ކުރިމަތިވި މާލީ ދަތިކަމަށް ހައްލު ހޯދުމަށް ސައުދީ ފަންޑުން އިތުރު 17 މިލިޔަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ސޮއިކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ ދައުރުގައި ރާއްޖޭގެ އިސްވެރިން ސައުދީއަށް 6 ފަހަރު ވަޑައިގެންނެވިއިރު މި ސަރުކާރަށް މިވީ ދޮޅު އަހަރުގެ ތެރޭގައި 7 ފަހަރު ސައުދީއަށް ވަޑައިގެން 7 ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.