ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، އެ ފަރާތްތަކުން ވަމުންދާ ހިދުމަތްތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޝުކުރު އަދާކުރައްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހާއި ގައުމީ ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ހަލީލް ވަނީ 1971 ވަނަ އަހަރު ބަންގްލަދޭޝްއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުން ބައިނަލްއަގްވާމީ މައިދާނުގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ރަހުމަތްތެރިކަމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވަޒީރު ބަޔާންކުރެއްވިއެވެ.
ހާއްސަކޮށް ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާގެ އިތުރުން އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެ ގައުމުން އަދާކުރާ ދައުރަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ބުރަ މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ތަރައްގީއަށް ބޮޑެތި މަންފާތަކެއް ކުރާކަން ފާހަގަކުރައްވައި، އެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 48 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވަމުން ވަޒީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.
