ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އަވައްޓެރި ސްރީ ލަންކާއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ މެދު ފިޔަވަޅުތައް އެޅުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހަލީލް ވިދާޅުވީ، މިހާރު ހަނގުރާމަ ކުރިއަށް ދާ ގޮތަށް ބަލާއިރު، ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ރާއްޖެއަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.
ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ގައުމުތަކާ އެކު ރަސްމީ މަޝްވަރާތައް ވަނީ ފެށިފައި ކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ވަފްދެއް ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ގޮސްފައި ކަމަށާއި އެ ގައުމާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ. ނަމަވެސް އެ ގައުމާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން ވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އޮސްޓްރޭލިއާއާއެކު މިއަހަރު ކުރެވުނު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގެ އިތުރުން ވެލަރޮސް އެއާލައިނެއް ރާއްޖެއަށް ފެއްޓުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަން ހަލީލް ފާހަގަކުރެއްވިއެވެ.
އަދި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގެ ތެރެއިން ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވޭ ސަރަހއްދުތަކުގައި ތިބި ދިވެހިން ދުރު ސަރަހއްދުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.
