ފާއިތުވި ދުވަސްތަކުގައި ޓިކްޓޮކް އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އެންމެ ބޮޑަށް ދައުރުވަމުންދާ އެއް ވީޑިއޯއަކީ ޕެސިފިކް މެރިން ޕާކެއްގެ ޕާފޯމަންސެއްގެ ތެރޭގައި ކިލާ ވޭލްއެއް، 23 އަހަރުގެ ޓްރެއިނަރެއް ކަމަށްވާ ޖެސިކާ ރެޑްކްލިފް އަށް ހަމަލާދީ މަރާލާފައި ވާކަމަށް ބުނާ ވީޑިއޯއެކެވެ. މި ވީޑިއޯ އިން ފެނިގެންދަނީ ފެންގަނޑެއްގެ ތެރޭގައި ޖެސިކާ އާއި އޯކާ އެކުގައި ދައްކައިދޭ މޮޅު ހުނަރުތަކެވެ. ދެން ކުއްލިއަކަށް ގިނަ ބަޔަކަށް ހައިރާންކަމާއި، ބިރުވެރިކަމާއި ސިހުން ގެނުވަނީ އޯކާ، ޖެސިކާއަށް ހަމަލާދީ ފެންގަނޑުގެ ތެރެއަށް ދަމައިގަންނަ މަންޒަރުންނެވެ. އޯކާގެ އަނިޔާވެރި ހަމަލާއިން ޖެސިކާ ސަލާމަތްކުރިތާ ދިހަވަރަކަށް މިނެޓް ފަހުން އޭނާ މަރުވެފައި ވާކަމަށް މި ވީޑިއޯގެ ކެޕްޝަނުގައި ލިޔެފައިވެއެވެ. ލައިވް ޕާފޯމަންސެއްގެ ތެރޭގައި އޯކާއެއްގެ ހަމަލާގައި ޖެސިކާ މަރުވުމާއި ގުޅިގެން ގިނަ ބައެއްގެ ހަމްދަރުދީ އާއި ކަންބޮޑުވުންތައް، ސޯޝަލް މީޑިއާގައި އަންނަނީ ބަންޑުން ކުރަމުންނެވެ. އެހެންނަމަވެސް މި ވީޑިއޯގެ ހަގީގަތް ބަލާލުމުން ފެނިގެންދަނީ މުޅިން ތަފާތު އެހެން ވާހަކައެކެވެ. މި ވީޑިއޯގެ ހަގީގަތަށް ފީނައިގަންނައިރު މިއީ މި ފަހުގެ ތާރީހެއްގައިވެސް ހިނގާފައިވާ ހާދިސާއެއް ނޫނެވެ. މިއީ އޭއައި ޖެނެރޭޓް ކޮށްފައިވާ ވީޑިއޯއެކެވެ.

ޖެސިކާއަށް، އޯކާ ހަމަލާދޭ މަންޒަރުކަމަށް ބުނާ ސްކްރީން ޝޮޓެއް

މި ވީޑިއޯގައި ބުނާ ޖެސިކާ ރެޑްކްލިފް އާއި ވީޑިއޯ އިން ފެނިގެންދާ ޕެސިފިކް މެރިން ބްލޫ ޕާކަކީ ދުނިޔޭގެ އެއްވެސް ހިސާބެއްގައިވާ ތަނެއް ކަމުގައި، ރެކޯޑުތަކުން ފެންނާކަށް ނެތެވެ. މީގެ އިތުރުން މިފަދަ ހާދިސާއަކާ ގުޅޭގޮތުން އެއްވެސް މެރިން ޕާކެއްގެ ރަސްމީ ބަޔާނެއް، މައްސަލައިގެ ތަހުގީގެއް، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ގުޅޭ އެއްވެސް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ކަނޑުގައި ދިރިއުޅޭ މިފަދަ ބޮޑު މަހަކާ ގުޅޭ މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ މެރިން ފެސިލިޓީތަކާއި ނޫސްތަކުގައި މިފަދަ ހަބަރުތައް ގެނެސްދޭއިރު މި ހާދިސާ އާ ގުޅޭ ވީޑިއޯ ފިޔަވައި އިތުރު އެއްވެސް ހަބަރެއް ނޫހަކުން ރިޕޯޓު ކޮށްފައެއް ނުވެއެވެ.

ޖެސިކާއަށް، ހަމަލާދިންކަމަށް ބުނާ އޯކާގެ ފޮޓޯއެއް

މި ވީޑިއޯގެ ސައްހަކަން ޗެކް ކުރުމަށް ތަޖުރިބާކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު މި ކްލިޕްގައި ހުރި އަޑުތަކަކީ ކޮމްޕިއުޓަރުން އުފައްދާފައިވާ އަޑުތަކެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކުން ވަނީ ވަނީ އޭއައި ވޮއިސް ޓޫލްސް ބޭނުން ކޮށްގެން އޯޑިއޯ ހެދިދާނެ ކަމަށް ބުނެފައެވެ. އޭއައި އިން އުފައްދާ އަޑުތައް ގިނަ ފަހަރަށް ހުންނަނީ އެއްވެސް އަސްލެއް ނެތް ގޮތަކަށް، އާދަޔާ ހިލާފު ހިމަހިމޭންކަމާ، ޖަޒުބާތުތަކާއި އެކުގައިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. މި ވީޑިއޯއަކީ ފޭކް އެއްޗެއްކަން ކަށަވަރުކޮށްދޭ އަނެއް ހަގީގަތަކީ، ވީޑިއޯގައި ފެންނަ މަންޒަރުތަކެވެ. މި މަންޒަރުތަކައް ވިސްނުންތެރިކަމާއެކު ބަލައިފިނަމަ، ހަރަކާތްތައް ބަދަލު ވަމުން ދާ ގޮތް ތަފާތުކަން ފާހަގަ ކުރެވޭނެއެވެ.

ދުނިޔޭގެ މަޝްހޫރު ނޫސް މަޖައްލާތަކުންނާއި، ތަޖުރިބާކާރުންގެ ވާހަކައަށް ބަލާއިރު މިއީ މިފަހުގެ ތާރީހެއްގައި ހިނގާފައިވާ ހާދިސާއެއް ނޫންކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަދި މި ވީޑިއޯގެ ސަބަބުން ގިނަ ބަޔަކަށް ނުތަނަވަސްކަން ލިބިފައި ވާއިރު ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިވީޑިއޯ ބޭންކޮށްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާ ތަރައްގީ ވަމުން އަންނައިރު ސޯޝަލް މީޑިއާގައި ފެންނަ މިފަދަ ވީޑިއޯތަކާއި، ވާހަކަތަކުގެ ހަގީގަތް ބަލާލުން ވަރަށްވެސް މުހިއްމެވެ.