ކ. ހުރާގެ ބަނދަރުމަތީގައި އެ ރަށު ކައުންސިލްގެ ފަރާތުން ބެހެއްޓި މޮނިއުމަންޓަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ހުރާގެ ބަނދަރު މަތީގައި ބެހެއްޓި މޮނިއުމަންޓްގައި ވަނީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަޝްހޫރު 'ކްރެބް އައިލެންޑް' ރަމްޒު ކޮށްދޭ ގޮތަށް މާކަނައަކާއި ރަތް ބޮޑު ކަކުންޏެކެވެ. އެ މޮނިއުމަންޓު ބެހެއްޓިތާ ހަފްތާއެއް ނުވަނީސް އިއްޔެ ރޭ ދަންވަރު އެއަށް ވަނީ ބަޔަކު ގެއްލުންދީފައެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ރަށުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ފައިބަރުން ހަދާފައިވާ މޮނިއުމަންޓުގެ ބައެއް ތަންތަނަށް ގެއްލުންދީ،ހަލާކު ކޮށްލާފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަަމަށެވެ.
އެ ރަށު ރައްޔިތުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކުރި އެ މޮނިއުމަންޓަށް ގެއްލުންދިން މައްސަލަ ފުލުހަށް ހުށަހެޅި ސަބަބަކީ އެފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީ އަށް އެޅޭނެ ހުރަހަކަށް ވާނެ އަމަލަކަށް ވުމާއެކު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
"މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭ ނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ، ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަ ފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށް ކައުންސިލުން ދެކެން" ބަޔާނުގައި ވެއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ކައުންސިލުން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފައިބަރުން ހަދާފައިވާ އެ މޮނިއުމަންޓަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުންނެވެ. އަދި އެ ހަމަލާގެ ސަބަބުން މާކަނާގެ ބައެއް ތަންތަން ނައްޓާފައިވާ މަންޒަރު ފެނެއެވެ.
ހުރައަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ރަށެއްގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ވެސް ޗުއްޓީ ހޭދަ ކުރުމަށް އެ ރަށަށް ޒިޔާރަތްކުރާ ރަށެކެވެ.