ކ. ހުރާގެ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް ފަށާފައިވާ އެ ރަށު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ ފުޓިން ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ފުޓިން ކޮންކްރީޓް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، މިހާރު ކުރިއަށްދަނީ ޓައި ބީމް އެޅުމުގެ މަސައްކަތެވެ.

ހުރާ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ މި މަޝްރޫއު ނިމުމުން، އެ ރަށުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ރަށުގައި ތިބެގެން ހޯދުމަށް މަގުފަހިވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކާފު ހުރާ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު 21 އޮގަސްޓް 2025 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 30 ޑިސެމްބަރު 2025 ގައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 27.2 މިލިއަން ދިވެހި ރުފިޔާއަށެވެ.