މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ޑޮލަރު މައްސަލައިގައި ބާއްވާ ކޮމިޓީ ސިއްރުކޮށްފިއެވެ.
މި މައްސަލައިގައި ބާއްވާ ކޮމިޓީ ސިއްރުކުރަން ނިންމާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެދިލެއްވުމުގެ މަތިންނެވެ. މި ބައްދަލުވުން ސިއްރު ކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވިއިރު، ކޮމިޓީ ސިއްރުކުރަން ފާސްކުރީ 6 މެންބަރުންގެ ވޯޓާ އެކުއެވެ. ނަމަވެސް ކޮމިޓީ ސިއްރުކުރުމާ އެމްޑީޕީގެ މެމްބަރުން ވަނީ ދެކޮޅު ހަދާފައެވެ.
މިކަމާ ދެކޮޅު ހައްދަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ގައުމުގައި މިހާރު އޮތް ޑޮލަރުގެ ތާށިކަމާ ގުޅިގެން ރައްޔިތުންނަށް ފޮރުވަން ޖެހޭ ފަދަ އެއްވެސް މައުލޫމާތެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މަޖިލީހުގައި ކުރާ ހުރިހާ މަސައްކަތެއް ސިއްރު ކުރުމުން މަގުސަދު ހާސިލު ނުވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު 20 ރުފިޔާއަށް އަރާފައިވާއިރު، މި ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކުރަމުންނެވެ. މި މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން މަސައްކަތް ކޮށް އެކަން ތަކުރާރުކޮށް ނާކާމިޔާބު ވެފައިވާ ކަމަށް ބުނެ އެމްޑީޕީންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.