ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ.
މި މުއާހަދާގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ދިނުމުގެ މުއާހަދާއިގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލްއެެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މުއާހަދާގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުންކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި މުއާހަދާގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މުއާހަދާގެ ދަށުން މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގަ އެހީތެރިކަން ދިނުން ހިމަނާފައިވެއެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެގައުމެއްގަ ގާއިމްކޮށްފަވާ ސެންޓްރަލް އޮތޯރިޓީއިން ކަމަށް ބަޔާންކޮށްފައިވެއެވެ.