ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއަދު މެންދުރު ފަހު ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ހިދުމަތްދޭނީ އާ ޓާމިނަލުން ކަމަށާއި މި ފްލައިޓް މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 2:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށެވެ.

https://www.facebook.com/share/p/16GrU4ZBjz/

މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭ ކްރޫ އިން ވެސް ދިވެހި ހެދުމުގައި ތިބިއިރު މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

މިއަދުން ފެށިގެން އާ ޓާމިނަލް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓުތަކަށް ހިދުމަތް ދޭ އިރު، އަވަސް މުސްތަގުބަލެއްގައި އެހެން އެއާލައިންތަކުގެ ފްލައިޓުތަކަށް ވެސް ހިދުމަތް ދޭން ފަށާނެއެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަސް ތެރޭ، އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުންކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.