ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، މި ސޮއި ކުރެވުނު އެއްބަސްވުމާ އެކު، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ދިވެހިރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހުވެގެންދާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މިއާއެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.

މި މަސައްކަތަކީ އެމްއެމްއޭ އިން ކުރިޔަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅާލާ ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ. މީގެ މަގްސަދަކީ ފަސޭހަކަމާ ރައްކާތެރިކަމާއެކު ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމަށާއި، ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މިކަމުގެ ސަބަބުން އިގްތިސޯދީ ބައިވެރިވުން އިތުރުވެ ކުރިއަރައިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ހިދުމަތްތައް ތައާރަފް ކުރަން ރާވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމް، 2026 ވަނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. މި ހިދުމަތްތައް ތައާރަފް ކުރަނީ ދެގައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުން ކުރުމަށް މަގުފަހިވެގެންދާނެ ގޮތަށެވެ.

އެންއައިޕީއެލް އިން ވަނީ ސިންގަޕޫރު، ސްރީ ލަންކާ، އަދި ނޭޕާލް ފަދަ ގައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ހިދުމަތްތައް ތައާރަފްކޮށްފައެވެ. ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށައި، މިކަން ތަންފީޒުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްއެމްއޭ އިން ދަނީ ކުރަމުންނެވެ.

ޕޭމަންޓް މޯލްޑިވްސް ކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތަކަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރުމުގެ މި މޮޑެލްއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި (ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ) ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ.

ދިވެހިރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން އިތުރަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގްސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މީގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެއެވެ. ހަމައެއާއެކު ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގްވާމީ މުއާމަލާތްތައް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.