އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފިއެވެ.
މިރަސްމިއްޔާތު ކުރިއަށް ގެންގޮސްފަިއވަނީ ޖުމްހޫރީ މައިދާނުގައެވެ. އިންޑިއާގެ ބޮޑުވަޒީރު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ބޮޑުވަޒީރު މޯދީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައި ވެއެވެ.
މިރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު މޯދީއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި އިންޑިއާ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވުން ވެސް އޮތެވެ.
މޯދީ ރާއްޖެ ވަޑައިގެންފައި މި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށްވާ އިރު މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ވެސް އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ވަނީ ލިބިފައެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.