ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 ޕަސެންޓް ބޮޑުކޮށްފިއެވެ.
އެމްއެމްއޭއިން ބުނީ އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރު 10 އިންސައްތަ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
މި ހަފްތާއިން ފެށިގެން އެ ބަދަލު ގެނައުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެ ބަދަލާއެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރު 40 ޕަސެންޓަށް އިތުރުކުރެވޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 ޕަސެންޓުން 90 ޕަސެންޓަށް ވަނީ މަތިކޮށްފައެވެ. އެހެންނަމަވެސް ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކަމުންދާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭއިން ބުނީ އިތުރަށް މާރުކުރަން އެންގި 30 ޕަސެންޓު އަނބުރާ ބޭންކުތަކަށް ވިއްކިނަމަވެސް އެ ފައިސާ ބޭނުންކުރެވެނީ އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަކަށް ކަމަށެވެ. އަދި އެ ފައިސާގެ ބޮޑު ބަޔެއް ބޭނުންކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓު ދޭން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.