މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗް ބުނެފިއެވެ.

ބަސް ޓާމިނަލް ކައިރީ ހިނގި އެ އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.

މި އެކްސިޑެންޓްގައި ކަފިހި ހުރަސްމަތިން ހުރަސް ކުރި އުމުރން 40 އަހަރުގެ ފިރިހެނަކާއި ސައިކަލުގައި ތިބި 16 އަހަރު އަދި 17 އަހަރުގެ ދެކުދިންނަށް ވަނީ އނަިޔާވެފައެވެ. އޭގެތެރެއިން ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ ނިޔާވެފައެވެ. ދެން ތިބި ދެމީހުންނަށް ލިބުނު ސީރިއަސް އަނިޔާތަކާއެކު އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، އުމުރުން 16 އަހަރުގެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. މީގެ ކުރިން އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.