ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުމުގައި އަންނަ ހަފްތާ ތެރޭގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ 'އަހާ' ފޯރަމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބައްލަވަމުންދާކަން ފާހަގަކޮށް މުއްތަލިބް ވިދާޅުވީ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އެ މަސައްކަތަށް ގިނަ ދުވަސްތަކެއް ހޭދަވަނީ ހުށައަޅާފަވާ މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށް ވަގުތު ބޭނުންވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ސޮއި ކުރުމަށް ކުރިއަށް ގެންދަންޖެހޭ އިންތިޒާމްތަކަކީ ވެސް އެ މިނިސްޓްރީގެ އޮފީހުގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް މުއްތަލިބް އިތުރަށް ވިދާޅުވީ، ސޮއި ކުރުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މިރޭ ކުރިއަށްދާ 'އަހާ' ފޯރަމްގެ ތެރެއިން / ފޮޓޯ ރައީސް އޮފީސް

އަދި އެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އަދި އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ."
މުއްތަލިބް

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭގައި ބިނާ ކުރަމުން އަންނަ 4000 ފްލެޓްގެ ތެރެއިން 1000 ފްލެޓްގެ މަސައްކަތް މި ހިނގާ ޖުލައި މަހުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި އެއާއެކު އެގްރިމަންޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް މީގެ ކުރިން ވެސް މުއްތަލިބް ވިދާޅުވެފައި ވެއެވެ.

ފްލެޓް ދޭނީ ކުރީ ސަރުކާރުން އާންމު ކުރި ފްލެޓް ލިސްޓާ އެއްގޮތަށް ކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު އެ ލިސްޓާ އެއްގޮތަށް ފްލެޓް ދޭން ނިންމި ކަމުގައި ވީ ނަމަވެސް ޝަރުތު ހަމަވޭތޯ ބަލައި ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވެފައި ވެއެވެ.