ސަރުކާރުން ދޫކުރާ ހިލޭ ޑިގްރީއަށް މިހާތަނަށް 235 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ހިލޭ ޑިގްރީގެ ދަށުން ޖުމުލަ 85.48 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިހާތަނަށް ޖުމުލަ 235.84 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެއިތުރުން އެ މިނިސްޓްރީ އިން ބުނީ ހިލޭ ޑިގްރީ ސްކީމުގެ ދަށުން 8،086 ދަރިވަރުން މިހާރުވެސް ތައުލީމު ހާސިލުކުރަމުން ދާކަމަށާއި، މި އަހަރު އެކެނިވެސް ހިލޭ ޑިގްރީގެ ފުރުސަތު 1،100 ދަރިވަރަކަށް ދީފައިވާ ކަމަށެވެ. އަދި މި އަހަރު ހިލޭ ޑިގްރީގެ ދަށުން ތައުލީމު ހާސިލުކުރި 2،068 ދަރިވަރަކު ދަސްވެނިވެފައިވާކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިހާތަނަށް 5،412 ދަރިވަރުން ދަސްވެނިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 3،517 އަންހެން ދަރިވަރުންނާއި 1،895 ފިރިހެން ދަރިވަރުންނެވެ.
ތައުލީމަށް ނުހަނު ބޮޑު އިސްކަމެއް ސަރުކާރުން ދޭއިރު، މި އަހަރު މިހާތަނަށް 157 މިލިއަން ރުފިޔާ މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލަޝިޕް ސްކީމްގެ ދަށުންވެސް ވަނީ ދޫކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހިލޭ ޑިގްރީ ސްކީމް ތައާރަފްކޮށްފައިވަނީ ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެވެ. މި ސްކީމް ތައާރަފްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 19 ގައެވެ.