އެމެރިކާގައި ކުރިއަށް ދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސްގެ ޕީއެސްޖީ ބަލިކޮށް ޗެލްސީއިން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. ރޭ ކުޅުނު ފައިނަލް މެޗު 3-0 އިން ކާމިޔާބު ކުރި ޗެލްސީ އަކީ ޔޫރަޕްގެ ކްލަބްތައް ބައިވެރިވާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޔޫރަޕްގެ ކްލަބެވެ.
މިގޮތުުން، ޗެލްސީން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރު ޔޫރަޕާ ލީގު، ޔޫރަޕިއަން ސުޕާ ކަޕް އަދި ކޮންފަރެންސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
ރޭގެ ފައިނަލުގެ ކުރިން މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނިކުތް ޕީއެސްޖީއަށް ފަސޭހަ މޮޅެއް ލިބިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ޗެލްސީ އޮތީ 3-0 އިން ކުރީގައެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޖަހާ ދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ކޯލް ޕާމާއެވެ. މެޗުގެ 22 ވަނަ މިނެޓްގައި ޕާމާ މިލަނޑު ޖެހުމަށް ފަހު އޭނގެ 8 މިނެޓް ފަހުން ވަނީ އަނެއްކާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ހަދާ ދީފައެވެ.
މެޗުގައި ފެނިގެން ދިޔަ ޗެލްސީގެ ތިން ވަނަ ލަނޑަކީ ވެސް ޕާމާގެ ބައިވެރިވުން ހިމެނޭ ލަނޑެކެވެ. ޕާމާގެ އެސިސްޓަކުން މި ލަނޑު އެޓީމަށް ޖަހާ ދިނީ މި މަހުގެ ކުރީކޮޅު ޗެލްސީއާ ގުޅުނު ހާއޯ ޕެޑްރޯއެވެ.
މިމެޗުގައި ޔޫރަޕްގެ ޗެމްޕިއަންސް ޕީއެސްޖީއަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު މެޗު ނިމުނުތަނުން ޕީއެސްޖީގެ ކުޅުންތެރިން އިސްވެ ހިންގި ހަމަނުޖެހުންތަކެއްގައި ދެ ޓީމުގެ ކުޅުންތެރިންނާ ކޯޗުންގެ މެޗުގައި ކުރިމަތިލުންތަކެއް ވެސް ހިނގިއެވެ.
އެމެރިކާގައި ބޭއްވި މި މުބާރާތަށް އޮތް ތަރުހީބު ކުޑަ
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ދެކުނު އެމެރިކާ ބައްރުގެ ތިން ގައުމެއްގައި ބާއްވާ އިރު މީގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ. އަދި ނިމިގެން ދިޔަ ކްލަބް ވޯލްޑް ކަޕަކީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެމެރިކާއަށް ލިބުނު ފުރުސަތެއް ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އެމެރިކާގައި ނިމިގެން ދިޔަ މުބާރާތާ މެދު ބައިވެރިވި ކުޅުންތެރިން ވެސް ބެލުންތެރިން ވެސް ހިތް ހަމަޖެހުނު ހެން ހީނުވެއެވެ.
މެޗުތައް އޮންނަ ގަޑިތަކުގެ ސަބަބުން ޔޫރަޕްގެ އިތުރުން އޭޝިޔާ ސަޕޯޓަރުންނަށް އެންމެ ފޯރީގައި މެޗުތައް ބަލާ ނުހެދުން ކަން އެމީހުން ފާހަގަކުރިއެވެ. އަދި މުބާރާތުގައި މާ މޮޅު ކުޅުމެއް ފެނިގެން ނުދިޔަ އިރު އެންމެ ފަހުން ނިމިގެން ދިޔަ ސީޒަންތަކުގައި ޔޫރަޕްގެ އެންމެ މަގްބޫލު ފަސް ލީގުގެ ތެރެއިން ތިން ލީގެއް ކާމިޔާބުކުރި ތިން ކްލަބް މި މުބާރާތުގައި ބައިވެރި ނުވުމަކީ ވެސް އެންމެ ވާދަވެރި ކުޅުން ފެނިގެން ނުދިޔަ ސަބަބެއް ކަމަށް ސަޕޯޓަރުން ދެކުނެވެ.
ކުޅުންތެރިންގެ ޝަކުވާތައް ވެސް އެބަހުއްޓެވެ. މިގޮތުން، މެޗުތައް ކުޅުނު ދަނޑުތަކާ ބެހޭ ގޮތުން އެކި ކުޅުންތެރިން އެކި ފަހަރު މަތިން ޝަކުވާ ކުރިއެވެ. އަދި އަންނަ ވޯލްޑް ކަޕްގެ ކުރިން އެމެރިކާއިން މި ދަނޑުތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ކުޅުންތެރިން ބުންޏެވެ. ކުޅުންތެރިން ޖެއްސި އަނެއް މައްސަލައަކީ ހޫނު މޫސުމުގައި މެޗުތައް ކުރިއަށް ދިއުމުން ޖެހުނު މައްސަލަތަކެވެ. މިގޮތުން، ދުވާލުގެ ކުރީކޮޅު ހޫނު ގަދަކަމުން ބެންޗް ޓީމުގެ ކުޅުންތެރިން ޓީމަށް ކަނޑައަޅާފައިވާ ޑްރެސިންގް ރޫމުގެ ތެރޭގައި ތިބިތައް ވެސް ބައެއް މެޗުތަކުން ފެނުނެވެ. އަދި ދުވާލުގެ ވަރަށް ކުރީކޮޅު މެޗުތައް ކުޅެން ޖެހުމަކީ ވެސް އުނދަގޫ ކަމެއްގެ ގޮތުގައި ކުޅުންތެރިން ފާހަގަކުރިއެވެ.