އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ. 32 ޓީމާއެކު ފެށި މިމުބާރާތުގެ ފައިނަލަށް ޗެލްސީ ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ފުލުމިނީސް 2-0 އިން ބަލިކޮށްގެންނެވެ.
މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީގެ ދެ ލަނޑު އެޓީމަށް ޖަހާ ދިނީ މީގެ ހަފްތާއެއް ކުރިން ބްރައިޓަންއިން ޗެލްސީއާ ގުޅުނު ހާއޯ ޕެޑްރޯއެވެ.
ރޭގެ މެޗަކީ ޕެޑްރޯ ޗެލްސީގެ ފުރަތަމަ 11 ގައި ކުޅުނު ފުރަތަމަ މެޗަށް ވީ އިރު މި އޭނާ ޗެލްސީގެ ޖާޒީގައި ފެނިގެން ދިޔަ ދެވަނަ މެޗެވެ. އަދި މެޗު ފެށިގެން މާ ގިނަ އިރު ތަކެއް ނުވެ ޕެޑްރޯ ވަނީ ތަފާތު ދައްކާލާފައެވެ. މި ގޮތުން މެޗު ފެށިގެން 18 މިނެޓްގެ ތެރޭގައި ޕެޑްރޯގެ ފުރަތަމަ ލަނޑު ފެނިގެން ދިޔަ އިރު މެޗުގެ ދެވަނަ ލަނޑު އޭނާ ޖެހީ ދެވަނަ ހާފް ފެށުނުތާ 11 މިނެޓް ފަހުންނެވެ.
ވޭތުވެދިޔަ ސީޒަންތަކުގައި ބްރައިޓަންއއަށް މުހިއްމު ގޯލުތަކެއް ޖަހާ ދީފައިވާ ޕެޑްރޯ ގަތުމަށް 60 މިލިއަން ޕައުންޑް ޗެލްސީން ހަރަދު ކުރި އިރު ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ގޮސްގެން ޗެލްސީއަށް 21.9 ޕައުންޑް ލިބޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ފައިނަލްގައި ޗެލްސީ ކުޅެން ޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ ސްޕެއިންގެ ރިއާލް މެޑްރިޑާ ދެމެދު މިރޭ އޮންނަ ސެމީ ފައިނަލުން މޮޅުވާ ޓިމަކާއެވެ.
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރެވެ.