އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުން އިނގިރޭސި ޓީމެއް ކަމަށްވާ މެންޗެސްޓާ ސިޓީ ކަޓައިފިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ސިޓީ ކަޓުވާލީ ސައުދީ ޕްރޯ ލީގުގައި ކުޅޭ އަލް ހިލާލުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓްގައި ބެނާޑޯ ސިލްވާއެވެ. 1-0 ގެ ސްކޯ ލައިނަކާއެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފް ސިޓީން ނިންމާލި އިރު ދެވަނަ ހާފް ފަށައިގެން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަލް ހިލާލުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ.
އަދި އޭނގެ 10 މިނެޓް ފަހުން އަލް ހިލާލުން އަނެއްކާ ލަނޑެއް ޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. އެހެން ނަމަވެސް ސިޓީގެ އާލިންގް ހާލަންޑާއެކު މެޗުގެ ނަތީޖާ އަނެއްކާ އެއްވަރުވެ މެޗު އިތުރު ވަގުތަށް ދިޔައެވެ.
އިތުރު ވަގުތުގައި އަލް ހިލާލުގެ ކަލުބާލީ ފޮނުވާލި ޝޮޓާއެކު ވަތް ލަނޑުން އެޓީމު ކުއާޓާއަށް ދިޔަ ކަމަށް ހީކުރެވުނު ނަމަވެސް ސިޓީގެ އެޓާކާ ފިލް ފޯޑަންގެ ލަނޑާއެކު އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުވިއެވެ.
މިމެޗުން އަލް ހިލާލު މޮޅުވި ލަނޑު ޖަހާ ދިނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ދިން މާކޯސް ލިއަނާޑޯއެވެ. މިލަނޑާއެކު ސިޓީ ބަލިކޮށް އަލް ހިލާލް ކްލަބް ވޯލްޑް ކަޕްގެ ކުއާޓާއަށް ދަތުރުކޮށްފައިވާ އިރު ބްރެޒިލްގެ ފުލުމުނީސް ވެސް މިވަނީ ކުއާޓާއިން ޖާގައެއް ހޯދާފައެވެ.
ފުލުމުނީސް ކުއާޓާއިން ޖާގަ ހޯދީ މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅުނު އިޓަލީގެ އިންޓާ މިލާން ބަލިކުރުމަށް ފަހުގައެވެ.