މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ތިބީ 18 އަހަރު ނުފުރޭ ދެކުދިން ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.

މިރޭ ހިނގި މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންގެ ތެރެއިން އަނިޔާވި 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ.

މިރޭ ސައިކަލު އެކްސިޑެންޓް ހިނގި ސަރަހައްދު ބަންދުކޮށްފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަޕްރެސް

ދެން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި މަރުވި 17 އަހަރުގެ ކުއްޖާ އާއި އަނިޔާވެފައިވާ 16 އަހަރުގެ ކުއްޖާ އަކީ ސައިކަލުގައި ތިބި މީހުން ކަމަށް ފުލުހުން ބުނެއެވެ. 40 އަހަރުގެ މީހާ އަކީ މަގު ހުރަސްކުރި މީހާ ކަމަށް މައުލޫމާތު ލިބެއެވެ.

16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ ފިރިހެން މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.