މާފަންނު ބަސް ޓާމިނަލް ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 3 މީހުންގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައިވާ ކަމަށެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި 3 މީހަކަށް އނަިޔާވެގެން އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންގެ ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.