މަތިވެރި ހައްޖުގެ އަޅުކަަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ނެރެން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައި ވަނީ ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ބެހޭ ގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެއާއެކު އެ މަޖިލީހަށް ހުށަހެޅި މައުލޫމާތުގެ މައްޗަށް ދިރާސާ ކުރުމަށްފަހު، ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށް ބުނެފައި ވެއެވެ. "މަޖިލީހުގެ މެންބަރުން، އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،" ފަތުވާ މަޖިލިސް
ހައްޖު ކިއުގައި 9،000 އަށްވުރެ ގިނަ މީހުން މި ވަގުތު ތިބިއިރު، އުސޫލުގައިވާ ގޮތުން އާންމުން ހައްޖަށް ދިއުމަށް ފައިސާ ދެއްކޭނީ އެ ކޯޕަރޭޝަނުގައި ހައްޖު އެކައުންޓެއް ހުޅުވައިގެންނެވެ. އެގޮތުން އެއިރެއްގައި ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ 75 ޕަސަންޓު ހަމަކުރުމުން ނޫނީ ޖާގަ ކަށަވަރުކޮށް ލިސްޓުގައި ނުހިމަނައެވެ.
ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާ އެވެ. ފައިސާ ދެއްކުމަށް ފަހު ހައްޖު ވެއިޓް ލިސްޓުގައި މަދުވެގެން ހައެއްކަ އަހަރު މަޑުކުރަންޖެހޭއިރު ސައުދީން ރާއްޖެ އަށް އަހަރަކަށް ކަނޑައަޅާފައި ވަނީ 1،000 ކޯޓާ އެވެ.