ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންގެ ގެނައި ބަދަލާ ގުޅިގެން ގޯތީގެ ލޮކޭޝަން ބަދަލުވި މީހުންނަށް އާ ރަޖިސްޓްރީއާ ހަވާލުކުރަން ފަށައިފިއެވެ.
ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންއަށް ގެނައި ބަދަލުގެ ސަބަބުން ގޯތީގެ ލޮކޭޝަންއަށް ބަދަލުއައުމާ ގުޅިގެން މީގެކުރިން ދޫކުރި ގޯތީގެ ރާޖިސްޓްރީ ބާތިލްކޮށްފައެވެ. މި ބަދަލާއި ގުޅިގެން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ގުރުނެގުމެއް ބާއްވާފައެވެ.
ހައުސިން މިނިސްޓްރީއިން ބުނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުންވަނީ މިއަދު ފަށާފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައި ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ގުޅިފަޅުން ދޫކުރި ގޯތިތަކުގެ އާ ރަޖިސްޓްރީއާ ހަވާލުވާން އެޕޮއިންޓް ހެއްދުމަށް ހައުސިން މިނިސްޓްރީއިން ހުޅުވާލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެޕޮއިންޓްމެންޓް ދިނުމަށް ހަމަޖެހިފައި ވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.
އެޕޮއިންޓްމަންޓްއަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ ފަރާތުގެ އައިޑީ ކާޑު ކޮޕީ
- ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.
ގޯތީގެ ރަޖިސްޓްރީ އަދި ގޯތީގެ އެއްބަސްވުންތައް ބަލައިދާއިރު ގެންދަން ޖެހޭ ލިޔެކިޔުންތައް:
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
- ޕަވާ އޮފް އެޓާނީގެ ދަށުން ހާޒިރުވާ ފަރާތެއްނަމަ، ޕަވާ އޮފް އެޓާނީގެ އަސްލު އަދި ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު. (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކޭޓްގެ އަސްލު)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ އަސްލު.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލު.
ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތީގެ އެއްބަސްވުމާ ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށެވެ.