ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހަދާ އެއްބަސްވުމަށް ބަދަލު ގެނެވުނީ ގާނޫނާ ފުށޫ ނާރާ ގޮތަށް އެއްބަސްވުންތައް ތައްޔާރު ކުރަން ޖެހޭތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް ވިދާޅުވީ، ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނަށް ފުށު ނާރާ ގޮތަށް ބިންވެރިޔާ ސްކީމްގެ އެއްވެސްވުންތައް ހަދަން ޖެހޭތީ ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ.

އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތައެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައި ނުވާ ދިވެހި ރައްޔިތަކަށެވެ. ނަމަވެސް މިފަދަ ތަނެއް ލިބިފައިވާ ފަރާތެއް ނަމަ އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ލިބިފައިވާ ބައެއް، ނުވަތަ ގޯއްޗެއް، ނުވަތަ ފްލެޓެއް ދޫކޮށްލުމުން ކަމަށެވެ.

ހަމައެއާއެކު އެއްވެސް މީހަކަށް އެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްގައި ވެއެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކަުން ދިރިއުޅުމަށް ބންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކށް ކަމަށް ވެސް އެ ގާނޫނުގައޮ ބުނެފައި ވެއެވެ.

"ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މި ބަދަލާއި ގުޅިގެން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މެއި މަހުގެ 30 ވނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ގުރުނެގުމެއް ބާއްވާފައެވެ.

އެއާއެކު ކުރިން އެ ފަރާތްތަކަށް ދީފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލް ކޮށް އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" ވަނީ އުވާލާފައެވެ. އެހެންކަމުން އެ ފަރާތްތަކަށް އާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ރަޖިސްޓްރީ ހޯދުމަށާއި އެއްބަސްވުމުގައި ސޮއިކުރުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އެޕޮއިންޓްމަންޓްއަށް އެދޭއިރު "ހިޔާވެހި ޕޯޓަލް" އަށް ހުށަހެޅަންޖެހޭ ލިޔެކިޔުންތައް

  • އާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ 1 ފަރާތުގެ އައިޑީ ކާޑު ކޮޕީ
  • ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން)
  • މިނިސްޓްރީ އާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ
  • މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ

ގޯތި ލިބޭ ފަރާތުން "ހިޔާވެހި ޕޯޓަލް" އިން އެޕޮއިންޓްމަންޓްއަށް އެދި އިހްތިޔާރުކޮށްފައިވާ ތާރީހާއި ގަޑިއަށް ރިއާޔަތްކޮށް، މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގަތުމުން އާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާ ފަރާތް/ފަރާތްތަކާއި އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ ހާލަތުގައި އެފަރާތަށް އަލުން އެހެން ތާރީހަކާއި ގަޑިއަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.